ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑީވްސް)ގެ މި އަހަރުގެ އެތުލެޓިކްސް މުބާރާތް ނިންމާލައިފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހުޅުމާލެ ސިންތެޓީކްސް ޓްރެކުގައި ކުރިއަށްދިޔަ މިމުބާރާތުގައި 29 އަންހެން ކުދިންނާއި 61 ފިރިހެން ކުދިންނާއެކު ޖުމްލަ 90 ކުދިން ބައިވެރިވެފައިވެއެވެ.

ދެ ޢުމުރުފުރާ އަކަށް ބަހާލައިގެން، 12( އަހަރުން ދަށާއި 12 އަހަރުން މަތި،) ކުރިއަށް ގެންދިޔަ މި މުބާރާތުގައި 50މ ދުވުން، 80މ ދުވުން، 100މ ދުވުން، 200މ ދުވުން އަދި 400މ ދުވުމުގެ އިތުރުން ސޮފްޓްބޯލް ތުރޯ، ހާޑު ބޯލް ތުރޯ އަދި ސްޓޭންޑިން ޖަމްޕު އިމެނެއެވެ.

މިއީ އެސް-އޯ މޯލްޑީވްސް އިން އެތުލެޓިކްސް މުބާރާތް ބާވާ ތިންވަނަ އަހަރެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސް-އޯ މޯލްޑީވްސް ވަނީ މިއަހަރު މުބާރާތުގެ ފެންވަރު މަތިކޮށް މުބާރާތުގެ ނަންވެސް ވަނީ "ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން" އަށް ބަދަކު ކޮށްފައެވެ.

"ފަސްޓް ނެޝަނަލް އެތުލެޓިކްސް ކޮމްޕެޓީޝަން މިހެން ލިޔެފައި އޮންނާތީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ، ވަރަށް ކޯލް ވެސް އައި، ފާއިތުވި ދެއަހަރަށް ބަލާ، މިއަހަރުގެ މުބާރާތުގެ ފެންވަރު ހައިކޮށް، ކުރިއަށް އޮތްތާނގައި ނޭޝަނަލް ކޮންމެޓިޝަން ގެންދާ ފެންވަރުގައި ދެން އެސް-އޯ މޯލްޑީވްސް އެތުލެޓިކްސް މުބާރާތްތައް ދާނީ އެހެން މިއަހަރުން ފެށީގެން އެ ލެވެލްގައި ގެންދާނެތީ ފަސްޓް ޖަހާފައި އެއޮތީ، މިކަން އަޅުގަނޑު ފާހަގަ ކުރަނީ ވަރަށް ބޮޑު ކާމިޔާބީއެއްގޮތުގަ، އަންނަ އަހަރުގެ އަމާޒަކީ އަތޮޅުތެރެއިން ވެސް ގިނަ ކުދިންތަކެއް ބައިވެރި ކުރުވުން، މިއަހަރު ވެސް ބައެއް ރަށްރަށުން ރިކުއެސްޓް އައި ނަމަވެސް މާލއ އައުމާ ހުރިމާ ކެއުމާ އެހެނިހެން ޚަރަދުގެ ބޮޑުކަމުން އެކުދިންނަށް ބައިވެރި ނުވެވުނީ" ޗެއާޕާސަން އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

މި މުބާރާތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވީ މެޑަލް ދިނުމުގެ ހަފްލާ ޝަރަފް ވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު އަލްފާޟީލާ ފާޠިމަތު މުޙައްމަދު އެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝްންގެ ރައީސް އަލްފާޟީލް މުސްޠަފާ މުޙާއްމަދު ގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިންކްލޫސިވް ޑިޕާޓްމަންޓްގެޑިރެކްޓަރ އަލްފާޟިލާ އަދީލާ ރުސްދީ ވަނީ ބައިވެރިވެފައެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އިންކްލޫސިވް ސްޕޯޓްސް ހިންގަމުން އަންނަ އެސޯސިއޭޝަނެވެ.