ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ "މަންފާ" ޖަމިއްޔާގެ ފަރާތުން އުފެއްދި "މަންފާ އެކަޑަމީ" ރަސްމީކޮށް މިރޭ އިފްތިތާޙުކޮށްފިއެވެ.

މި އެކަޑަމީ ރަސްމީކޮށް އިފްތިތާޙުކުރުމަށް މާލޭގައި މިރޭ ބޭއްވި ހަފްލާގައި ރާއްޖޭގެ މަޝްހޫރު ކުޅިވަރު ޝަޚުސިއްޔަތުތަކުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަންފާގެ ރައީސް އަދި މަންފާ އެކަޑަމީގެ ޗެއާމަން އަލީ ރަމީޒު ވިދާޅުވީ، މި އެކަޑަމީގެ މައިގަނޑު މަގްސަދަކީ އިސްލާމީ ރަނގަޅު އަޚްލާޤުގެ ތެރެއިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެކަޑަމީގައި ހިމެނޭ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ޒުވާނުންނަށާއި ކުޑަކުދިންނަށް ކުޅިވަރުގެ ހުނަރުތައް ދަސްކޮށްދިނުމަކީވެސް މި އެކަޑަމީގެ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަންފާ އެކަޑަމީގެ ހިންގުން ހަވާލުކޮށްފައިވަނީ ދާއިރާގެ ތަޖުރިބާކާރު ޓީމަކާއެވެ. އެގޮތުން އެކަޑަމީގެ ރައީސަކީ ވޮލީގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ސާޖިދު (ސާޖިދު ކޯޗް) އެވެ. ނައިބު ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ފުޓްބޯޅަ ކޯޗް އަލީ ނިސްތާރު (ނިސްތާރު ކޯޗް) އާއި، ކުޑަކުދީންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ހައްގުގައި މަސައްކަތް ކުރައްވާ އިބްރާހިމް ރަމީޒު (އިބޭ) ގެ އިތުރުން ގުރްއާންގެ އިލްމު ފެތުރުމުގައި ފާހަގަކޮށްލެވޭ މުހައްމަދު ތައުފީގް އަލީ (ތާއްޕެ ސަރ) އެވެ.

މަންފާ އެކަޑަމީން ބުނި ގޮތުގައި މި އެކަޑަމީގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށާއި އަތޮޅުތަކަށްވެސް ހުޅުވާލެވިފައިވާނެއެވެ. އަދި ވަކިވަކި ރަށްރަށުން ބޭނުންވާނަމަ، އެ ރަށަކަށް ޚާއްޞަކޮށްގެން ޕްރޮގްރާމްތައް ފަރުމާކޮށް ހިންގައިދޭނެ ކަމަށްވެސް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

މި އެކަޑަމީ ރަސްމީކޮށް އިފްތިތާޙުކުރުމުގެ ކުރިން، މިދިޔަ ނޮވެމްބަރު މަހު ވަނީ ތ. ހިރިލަންދޫގައި ޕައިލެޓް ޕްރޮޖެކްޓެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ދީނީ އަދި އަޚްލާޤީ ސިފަތައް އަށަގަންނުވައި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ.