ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ 2026 އޮގަސްޓް 05 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އިންޑިއާގެ ރައްޔިތެއްގެ އަތުންނެވެ. މި ފަސިންޖަރުގެ އަމަލުތައް ހުރިގޮތުން، އޭނާގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްގެ އޮފިސަރުން އެ ލަގެޖް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 450 ގްރާމް ހުރިކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ބޯޑަރު ސަރަހައްދުތަކުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
