މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ދިވެހި ފިރިހެނަކު 25 އަހަރަށް ޖަލަށް ލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ހުކުމް އިއްވާފައިވަނީ ދަފްތަރު ނަންބަރު 07 / ސ. މީދޫ، ޢަބްދުލްވައްހާބު އަޙްމަދު (59އ) ގެ މައްޗަށެވެ. ކޯޓުން މި ހުކުމް އިއްވާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ޢަބްދުލްވައްހާބުގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ. ކޯޓުގެ ހުކުމުގައިވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13 ވަނަ ދުވަހުއެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ލިބުނު ކާމިޔާބީއެއް ކަމަށް ފުލުހުން ބުނެއެވެ. 

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.