ފުވައްމުލަކު ސިޓީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ސިޓީގައި އައު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
މިއީ ފުވައްމުލަކު ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންނަށް ބޭންކިން ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ ސިޓީގައި ގާއިމްކުރެވުނު ހަތަރު ވަނަ އޭޓީއެމްއެވެ. މި އައު އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި އަދި ފައިސާ ނެގުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
ފުވައްމުލަކު ސިޓީގައި ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރުގެ ތެރޭގައި އެ ސިޓީގައި ވަނީ ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް ތައާރަފްކޮށްފައެވެ. މިއީ އެ ސިޓީގެ އިގްތިސާދީ ހަރަކާތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
މުޅި ރާއްޖެއަށް ބޭންކިން ވިއުގަ ފުޅާކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ނިމިދިޔަ ހަފްތާތަކުގެ ތެރޭގައި އެ ބޭންކުން ވަނީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން، ރާއްޖޭގެ އިތުރު 70 ރަށެއްގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށް، 20 ރަށެއްގައި ދިވެހި ރުފިޔާ އޭޓީއެމް އަދި ހަ ރަށެއްގައި ބީއެމްއެލްގެ އައު ބްރާންޗްތައް ވަނީ ހުޅުވާފައެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ފަސޭހަކަމާއެކު ބޭންކިން ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
