ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މުހިންމު މެއިންޓެނަންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، ބައެއް ހިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި މި މެއިންޓެނަންސް މަސައްކަތް ކުރިއަށް ދާނީ މިއަދު އިރުއޮއްސި 06:00 އިން ފެށިގެން މާދަމާ މެންދުރު 12:00 އާ ހަމައަށެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ދިރާގު އެޕް، މައި އެކައުންޓް، އަދި މަމެން އެޕްގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑޭނެއެވެ. މީގެ ތެރޭގައި ރީލޯޑް އަދި ރީޗާޖް ކުރުމާއި، ބިލަށް ފައިސާ ދެއްކުމުގެ އިތުރުން އެކި ހިދުމަތްތައް އެކްޓިވޭޓް ކުރުން ހިމެނެއެވެ.
ނަމަވެސް، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ދިރާގުގެ ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑް އަދި ރީޗާޖްގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ވެސް ކަސްޓަމަރުންނަށް ފޯނު ކޯލް ކުރުމާއި، އެސް.އެމް.އެސް ފޮނުވުމުގެ އިތުރުން މޮބައިލް ޑޭޓާގެ ހިދުމަތް އެއްވެސް މެދުކެނޑުމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން ދިރާގުން ދެއެވެ.
ދިރާގުން ބުނީ މިފަދަ މެއިންޓެނަންސް މަސައްކަތްތަކަކީ އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
