މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ޑެބިޓް ކާޑުތަކުން އީކޮމާސް ބައެއް ސައިޓްތަކުގައި ޑޮލަރުން ކުރާ މުއާމަލާތްތައް އެ ބޭންކުން ލިމިޓްކޮށްފިއެވެ.
އެމްއައިބީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުގެ ރުފިޔާ ކާޑުތަކަށް ދެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ފުރުސަތެއް ކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ބައެއް ކަސްޓަމަރުން މި ޚިދުމަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޒަރޫރީ ނޫން އެހެނިހެން ކަންކަމަށް މި ލިމިޓް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުންޏެވެ.
މި ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް އިސްކަންދިނުމުގެ ގޮތުން، މިހިނދުން މިހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އީކޮމާސް ސައިޓްތަކުގައި ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށްވެސް އެމްއައިބީން މައުލޫމާތު ދެއެވެ.
އެމްއައިބީން އިތުރަށް ބުނީ، ބައެއް ވިޔަފާރި ސައިޓްތަކަށް ބަދަލު ގެނައި ނަމަވެސް، ކަސްޓަމަރުންގެ އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓްތަކާއި، ރާއްޖޭން ބޭރުގެ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެ ކަމަށެވެ. މީގެ އިތުރުން، ސިއްހީ ޚިދުމަތް ހޯދުމަށާއި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓް ކުރިއެކޭވެސް އެއްގޮތަށް ބޭނުންކުރެވޭނެއެވެ.
ބޭންކުން ބުނި ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އެންމެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިމިޓް ބޭނުންކުރުމުގެ ފުރުސަތު ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށެވެ. އަދި މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބޭންކުން ވަނީ މާފަށް އެދިފައެވެ.
އެމްއައިބީން މި ބަދަލު ގެނެސްފައިވާއިރު، ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ ރުފިޔާ ކާޑުތަކަށް ދެމުންދާ ޑޮލަރު ލިމިޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ބީއެމްއެލްގެ މި ނިންމުމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، ގިނަ ފަހަރަށް އޮންލައިން ވިޔަފާރިތަކާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކޭ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
