ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭގޮތުގައި މި މީހާ ހިފަހައްޓާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު، ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވިގެން އިތުރަށް ތަހުގީގު ކުރިއިރު، އޭނާ ވަނީ މަސްތުވާތަކެތި އަޅާފައިވާ 66 ބުލެޓް ދިރުވާލާފައެވެ.
އޭނާގެ ހަށިގަނޑުން ނެގި މި ތަކެތި ތަހުލީލު ކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1180 ގްރާމް ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މި މައްސަލައިގައި އަތުލައިގަތް މީހާއާއި މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
