އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އޮފިސަރަކު ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ހަތްވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރި ދުވަހުން ފެށިގެން، މުސާރަ ނުލިބޭ ގޮތަށް ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށްގެންދާއިރު، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ.