ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ. 

ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށިފަހުން، ސިއްރުން ވޭޕް އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، ވިއްކުން އަދި ހިލޭ ބެހުން މަނާކޮށް، ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި ގާނޫނު ތަންފީޒުކުރަން ފެށުމާއެކު، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ރާއްޖެއަށް އެތެރެކުރުމަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ކުށެކެވެ.

އާ ގާނޫނުގައިވާ ގޮތުން ވޭޕްގެ ބާވަތްތަކާއި އެ ތަކެތި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އާލާތްތައް ރާއްޖެއަށް އެތެރެކޮށްފި ނަމަ، އެތެރެކުރި ފަރާތް 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް އާލާތަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ދައްކަން ޖެހެއެވެ.

ކަސްޓަމްސްއިން އަތުލައިގަތް މި 800 ވޭޕް ކާޓްރިޖްގެ މައްސަލަ އެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖެއަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ބޯޑަރުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ މިހާރު ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ.