ވެނެޒުއޭލާއަށް މިދިޔަ ބުދަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 235 އަށް އަރާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރު ކާލޯސް އަލްވަރާޑޯ ހާމަކުރައްވައިފިއެވެ.
ދައުލަތުގެ ޓީވީ މެދުވެރިކޮށް މިނިސްޓަރު މިއަދު ވިދާޅުވީ، މަރުވި މީހުންގެ އަދަދު ކުރިން ރިޕޯޓްކުރި 188 އިން 235 އަށް އިތުރުވެފައިވަނީ ސިއްހީ މަރުކަޒުތަކަށް ގެންދިޔަ ފަހުންނާއި ގެންދިޔަ މަގުމަތީގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ކަމަށެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި ބުދަ ދުވަހު އައި މި ދެ ބިންހެލުން ހުރީ ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 އެވެ.
ވެރިރަށް ކަރަކަަސް އާއި ލާ ގުއައިރާ ސްޓޭޓްގައި އިމާރާތްތައް ވެއްޓިފައިވާއިރު، ކުނިތަކުގެ ދަށުގައި ތިބި މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން އިމާރާތެއްގެ ކުނިތަކުގެ ދަށުން އަންހެނަކު ދިރިހުއްޓާ ވަނީ ފެނިފައެވެ. އެމީހާ ސަލާމަތްކޮށްފައިވާއިރު، ލާ ގުއައިރާގެ ޑޮކްޓަރަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ސްޓޭޓްގެ މައި ދެ ހޮސްޕިޓަލް މިހާރު އޮތީ ތޮއްޖެހިފައި ކަމަށާއި، ބޭސްފަރުވާގެ ސާމާނަށް ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.
ބިންހެލުމުގެ ސަބަބުން ކަރަކަަސްގެ މެދުތެރޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓާއި ފޯނުގެ ޚިދުމަތް ކެނޑި، ސަބްވޭގެ ޚިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ. ގިނަ އަދަދެއްގެ ރައްޔިތުން ގެއަށް ވަންނަން ބިރުން ރޭގަނޑު ހޭދަކުރީ ޕާކުތަކާއި ހާމަ ތަންތަނުގައެވެ. ބައެއް ސްކޫލްތައް ވެސް ބަންދުކޮށް، ވަގުތީ ހިޔާވަހިކަމާއި އެހީ ފޯރުކޮށްދޭ މަރުކަޒުތަކަށް ވަނީ ބަދަލުކޮށްފައެވެ.
މި ކާރިސާއާ ގުޅިގެން ބްރެޒިލް، ސްޕެއިން، ޕޯޗުގަލް، ގަތަރު އަދި ކެނެޑާ ފަދަ ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އދ. އިން ބުނެފައިވަނީ ވެނެޒުއޭލާއަށް ބޭރުގެ އެހީތެރިކަން މިވަގުތު އިންތިހާއަށް ބޭނުންވާ ކަމަށާއި، މި ހާލަތުން އަރައިގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިފައިވާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
