ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ ބޭހެއް އަސްލާ އެއްގޮތަށް ނަކަލުކޮށްގެން ރާއްޖެ އެތެރެކޮށްފައިވާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަޔަލޭންޑުގެ "ސްވޯޑްސް ލެބޯރެޓޮރީސް އަންލިމިޓެޑް" ކުންފުނިން އުފައްދާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަން އަސްލާ އެއްގޮތަށް ފޭކުކޮށްގެން ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. މި ބޭހަކީ މެލަނޯމާ، ފުއްޕާމޭގެ ކެންސަރު އަދި ކިޑްނީ ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ އިންޖެކްޝަނެކެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެ އެތެރެކޮށްފައިވަނީ މި އިންޖެކްޝަންގެ ބެޗު ނަންބަރު 8081399 އެވެ. އެހެންކަމުން މި ބެޗުގެ އިންޖެކްޝަން ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުމަކީ މިހާރު މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

އޮޕްޑިވޯ (ނިވޮލުމެބް) އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ހިމެނޭ ޓީ-ސެލްގައި ހުންނަ ޕީޑީ-1 ޕްރޮޓީން ބްލޮކުކޮށް، ކެންސަރު ސެލްތައް މަރައިލުމަށް އެހީތެރިވެދޭ ބޭހެކެވެ. މިފަދަ ފޭކު ބޭހެއް ބޭނުންކުރުމަކީ ބަލިމީހާގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

މީގެ ކުރިން ވެސް ކެންސަރު ބައްޔަށް ފަރުވާކުރަން ބޭނުންކުރާ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކު ބެޗުތަކެއް ރާއްޖެއިން ފެނިފައިވާތީ، އެކަމަށް ސަމާލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް އިލްތިމާސްކޮށްފައިވެއެވެ.

ބޭސް އެތެރެކުރާ ފަރާތްތަކުންނާއި ބަލިމީހުން ބޭސް ބޭނުންކުރުމުގެ ކުރިން ބެޗު ނަންބަރާއި ބޭހުގެ ފެންވަރަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.