މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމަށްފަހު، މިއަދު ހެނދުނުން ފެށިގެން އާންމުންނަށް އަލުން ހުޅުވާލައިފިއެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން ރަސްފަންނުގެ އެކި ސަރަހައްދުތައް މަރާމާތަށް ބަންދުކޮށްފައިވާއިރު، އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މޫދަށް އެރޭ ސަރަހައްދުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށެވެ. މި މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

މި މަރާމާތުގެ ދަށުން އެމްޓީސީސީން ވަނީ ރަސްފަންނު މޫދުގައި ފެން ދައުރުވާނެހެން ހާއްސަ ހޮޅިތަކެއް ޖަހައި، އެ ސަރަހައްދުގެ އުތުރު ފަރާތުގެ ފެން ހިންދާ ނިޒާމު އިތުރަށް ހަރުދަނާކޮށްފައެވެ. މިއީ މޫދު ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި މޫދަށް އެރޭ ސަރަހައްދު ހުޅުވާލި ނަމަވެސް، ރަސްފަންނުގެ އެކި ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާއިރު އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަސްފަންނުގެ ވަސީލަތްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވެ، ވީރާނާވަމުން ދިއުމުގެ ސަބަބުން މީގެ ކުރިން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ރަސްފަންނާއި ސަލްޓަން ޕާކު ފަދަ ތަންތަން ވީރާނާވަމުންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ތަންތަން މަރާމާތުކޮށް، ކުރީގެ އާރޯކަން ގެނެސްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

މިއަދު ހުޅުވާލެވުނު މޫދު ސަރަހައްދަކީ މާލޭގެ ރައްޔިތުން މޫދަށް އެރުމަށާއި ހިތްހަމަޖައްސާލުމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ސަރަހައްދެވެ.