އީރާނުން އަމަލުތައް ބަހައްޓާގޮތަކުން އަލުން ބޮން އަޅަން ފަށަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. 

ޓްރަމްޕް ބުނި ގޮތުގައި އަންނަ ހުކުރު ދުވަހު އީރާނާއެކު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަހުމުނާމާ އަކީ އަދި ނިހާއީ އެއްބަސްވުމެއް ނޫނެވެ. އަދި އެ އެއްބަސްވުމާ މެދު އޭނާ ހިތްހަމަނުޖެހޭނަމަ، އަލުން ބޮން އެޅުމުގެ ހަރަކާތްތަކަށް ރުޖޫޢަވާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފައެވެ.

މީގެ އިތުރުން، އެމެރިކާއާއެކު އެއްބަސްވުމަކަށް އައި ފަހުން އިސްރާއީލުން ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ 84 ފަހަރު ޚިލާފުވެފައިވާ ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ. އަދި މިފަދަ ހަމަލާތައް ހުއްޓާނުލާ ކުރިއަށްދާނަމަ، އޭގެ ރައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. މި ދަނޑިވަޅުގައި އީރާނުގެ ތެޔޮ އުފުލާ ތިންވަނަ ޓޭންކަރެއް، އޮމާން ކަނޑުގައިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބްލޮކޭޑް ލައިން ހުރަސްކޮށް މިހާރު ވަނީ ދަތުރުކޮށްފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ނާޒުކު މަޝްވަރާތަކުގައި، އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ބުނަމުންދަނީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ކޮންމެ އެއްބަސްވުމެއްގެ ތެރޭގައި އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުން ހިމަނަންޖެހޭނެ ކަމަށެވެ. މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ބޮޑުވަޒީރު ހޯމަ ދުވަހު ބުނީ، އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގެ ދަށުން ލުބުނާން ހިމެނޭހެން ހުރިހާ ދިމާއަކުން އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލަންޖެހޭނެ ކަމަށެވެ.

ނަމަވެސް، މި އެއްބަސްވުމުގެ ޚަބަރު ފެތުރުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، އިސްރާއީލުން ލުބުނާނުގެ ދެކުނު ސަރަހައްދުތައް ހިސޯރުކޮށްގެން ކުރިއަށްދާނެ ކަމަށެވެ. އަނެއްކޮޅުން، ލުބުނާނުގެ ހިޒްބުالله އިން ބުނެފައިވަނީ، ކުރިއަށް އޮތް މަޝްވަރާތަކުގެ މަރުހަލާގައި ލުބުނާނުން އިސްރާއީލު ސިފައިން ބޭލުމަށް އީރާނުން ބާރުއަޅާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މާރިޗު މަހުގެ ދެވަނަ ދުވަހު ހަނގުރާމަ އަލުން ފެށުނު ފަހުން، އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 3,826 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 11,851 މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.