އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ބޭރުގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖް ޖޫރިމަނާކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްކިއުއޭ އިން ހާމަކޮށްފައިވާ ގޮތުގައި، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއް މިއަހަރުގެ ކުރީކޮޅުވެސް ވަނީ ފެންމަތިވެފައެވެ. އެ ފަހަރު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިޢުލާނުކޮށްފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. ނަމަވެސް، އޭގެ ފަހުންވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެމްކިއުއޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

މި މައްސަލަ ތަކުރާރުވުމާ ގުޅިގެން، އެމްކިއުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު، ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖް މިހާރު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އެ ކޮލެޖަށް ވަނީ ހަރުކަށިކޮށް އަންގާފައެވެ.

އެމްކިއުއޭ އިން ބުނިގޮތުގައި، އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ މަނާކަމެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުޞަތު އޮތްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން، އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެމްކިއުއޭ އިން ހުއްދަދީފައިވާ ޕްރޮގްރާމެއްކަން އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އެމްކިއުއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.