މުލަކަތޮޅުގެ ހަތް ރަށެއްގައި ފޯރުކޮށްދެމުންދާ ޔުޓިލިޓީ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށްޓަކައި، އެ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ސްޓެލްކޯގެ ދަށަށް މިއަދު ބަދަލުކުރެވުނު ރަށްތަކަކީ މ. ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ. މިއީ މީގެ ކުރިން ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުން އައި ރަށްތަކެކެވެ.
މި ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިނެވެ.
މި ބަދަލަކީ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުންދާ ހެޔޮ ބަދަލުތަކުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލާއެކު އެ ރަށްތަކުގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް އިތުބާރުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
