ފުލުހުންގެ ބެލުމުގެ ދަށަށް ތަފާތު އެކި މައްސަލަތަކުގައި ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މިއަދު ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ ކ. ދޫނިދޫގައެވެ. ފުލުހުން ހާމަކުރި ގޮތުގައި މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅި، ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ތަކެތީގެ އިތުރުން ކޭސް ކުރެވިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ.

މިއަދު ނައްތާލި ތަކެތީގެ ތަފްސީލަށް ބަލާއިރު، ބްރޭންޑެޑް ބަނގުރަލުގެ 96 ފުޅިއާއި، ޕެޓް ފުޅީގައި ހުރި 181 ފުޅި ބަނގުރަލާއި، 10 ދަޅު ބަނގުރާ ހިމެނެއެވެ. މީގެ އިތުރުން، އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެއް ނައްތާލާފައިވާއިރު، އޭގެ ތެރޭގައި ބަނގުރާ އުފުލުމަށް ބޭނުންކޮށްފައިވާ ދަބަސް، ފޮށި، ފޮތިކޮތަޅު، ކަރުދާސްކޮތަޅު އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ހިމެނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިއީ ޖުމްލަ 21 އިންސިޑެންޓަކާއި، ކޭސް ކުރެވިފައިވާ 15 މައްސަލައެއްގައި ހިމެނޭ ތަކެތިއެވެ.

މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލާފައިވާ ކޮމެޓީއެއްގެ ސީދާ ބެލުމުގެ ދަށުންނެވެ.

މިފަދަ ތަކެތި ނައްތާލުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ގާނޫނު ތަންފީޒުކުރުމުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.