ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ސިލްސިލާގެ ދަށުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން 8 ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށެވެ. އެގޮތުން އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
ރައީސް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި، "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، އެ އޮފީހުގެ ވެބްސައިޓްގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް https://rayyithungeadu.presidency.gov.mv/ މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ ރޭ 12:00 އެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުތަކާއި އިތުރު ތަފުސީލުތައް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
"ރައްޔިތުންގެ އަޑު" އަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަކަށް ފަށްޓަވާފައިވާ މަސައްކަތެކެވެ.
