މާލެ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައި ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
ވިލިމާލޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަޤްސަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފަރުމާކުރެއްވި މި ޚިދުމަތް ފެށިގެންދިޔައީ މިދިޔަ އެޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ. ވިލިމާލެއަށް ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވަޢުދެއް ފުއްދެވުމެވެ.
މި ޚިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަޙްމަތްތެރި އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ. މި ވެހިކަލްތަކުގެ ތެރޭގައި ހަނި މަގުތަކަށް ޚާއްސަ ކުދި ކާރާއި، ދާގީނާ އުފުލޭ ފަދަ ބޮޑެތި ކާރު ހިމެނޭހެން ތިން ސައިޒެއްގެ ކާރު ހިމެނެއެވެ. މި ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ރައްޔިތުންނަށް ދުވާލުގެ 24 ގަޑިއިރު ހުޅުވިފައި ހުންނާނެއެވެ.
ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ޚިދުމަތަށް ޚާއްސަ ހޮޓްލައިން ނަންބަރެއް ކަމަށްވާ "1655" ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން، އައިފޯން އަދި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ވެސް ޑައުންލޯޑު ކުރެވޭ ގޮތަށް ޓެކްސީ އެޕްލިކޭޝަނެއް ވަނީ ލޯންޗުކޮށްފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މި ޚިދުމަތް ތަޢާރަފްކުރުމުގެ މަޤްސަދަކީ ވެރިރަށް މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި، ހަލުވި، އަދި އިތުބާރު ހިފޭ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
