މާލޭގެ މާރުކޭޓުތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އާންމުންނާއި ވިޔަފާރިވެރިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "މާލެ ވެޓް މާކެޓް ކޮމްޕްލެކްސް" މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަނީ މާލެ ސިޓީ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށްޓަކައި 15 މާރިޗު 2026 ގައި ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭ މަސްމާރުކޭޓާ ކުރިމަތިވާގޮތަށް އޮތް ފަޅުތެރެއިން ހިއްކާފައިވާ ސަރަހައްދުގައި ބޭސްމަންޓަކާއެކު ފަސް ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކޮށްދިނުމަށް އެދި ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލުގައި ވަނީ ދަންނަވާފައެވެ. އެގޮތުން 29 މާރިޗު، 12 އޭޕްރިލް، 03 މޭ އަދި 18 މޭ 2026 ގައި ރަސްމީ ސިޓީތަކުން ބިން ހަވާލުކުރުމަށް އެދިފައިވާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ނަމަވެސް، މާލެ ސިޓީ ކައުންސިލުން 20 މޭ 2026 ގައި ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރު ހައިރު އިންޖިނިއަރިން ކޮންސަލްޓަންސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ސަރަހައްދު ތަރައްޤީކުރުން އެ ކުންފުންޏާ ހަވާލުކޮށްފައިވާތީ ބިން ހަވާލުކުރެވެން ނެތް ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއްވެސް ބަދަލަކާ ނުލައި އެ އެއްބަސްވުން ބާޠިލުކުރުމަށް ހައިރު އިންޖިނިއަރިން އިން ކައުންސިލަށް ސިޓީ ފޮނުވާފައިވީ ނަމަވެސް، ކައުންސިލުން އެ މަސައްކަތް ކޮށްފައެއް ނުވެއެވެ.

މި މަޝްރޫޢަކީ މާލެ ސިޓީ ކައުންސިލުން ޕްލޭންކޮށް ޑިޒައިންކޮށްފައިވާ ގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ކައުންސިލުން މަޝްރޫޢު ކުރިއަށް ނުގެންގޮސް އޮތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ ބޭނުމަށް ނުވަތަ ޤައުމީ ތަރައްޤީގެ މަޝްރޫޢަކަށް ބިން ނެގުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވާކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

"މި މަޝްރޫޢުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރުވެސް ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި އޮތް ނަމަވެސް، މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ ކައުންސިލުން ބިން ހަވާލުނުކުރުން،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ތުހުމަތުކުރާ ގޮތުގައި، ކައުންސިލުން ބިން ހަވާލުނުކޮށް ހިފަހައްޓަނީ އާންމު ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ސިޔާސީ މަޞްލަޙަތު އިސްކޮށްގެންނެވެ. 600 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢު ލަސްވާ ކޮންމެ ދުވަހަކީ އޭގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތުން މަޙްރޫމުވާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.