އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދިވެހި އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅުގެ އެންމެ ފުނުން މަސްވެރިކަމުގެ ސިނާޢަތް ނަގައި ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން އެއްވެސް ފަރާތަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކުރެވިފައިވާ މި އެޕިސޯޑްގައި، ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް އެ ސިނާއަތް ކޮޅަށްޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މިރޮނގުން މިހާތަނަށް ހޯއްދެވުނު ބައެއް ކާމީޔާބުތަކުގެ މައްޗަށް، ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
އަބަދުވެސް ބޭނުންފުޅުވަނީ މުޅި ސިނާއަތް ހަރުދަނާކުރެއްވުމަށް ކަމަށާއި، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ނަތީޖާގެ ތެރެއިން މިހާރުވެސް ކާމިޔާބުތަކެއް ހާސިލުކުރެއްވިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒު ކަމަށާއި، އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭގޮތެއްވުމުން އެކަންވެސް ކުރެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަމިފަދައިން، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން، ދިގުދެމިގެންގޮސް ދާއިމީވުމަކީވެސް ކުރައްވާ އުންމީދެއް ކަމަށާއި، އެރޮނގުންވެސް މަސައްކަތްތަކެއް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، އަދި އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލުކުރުމުގެ މަސައްކަތްތައް، ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ބައިވެރިވެވުމާއެކުގައި ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ހަމަމިއާއެކު، ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޢަދަދު މަދުވެފައި އޮތް އޮތުމަށްވެސް ބަދަލުތަކެއް ގެންނަވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެތައް ބަޔަކަށް ވަޒީފާދެވި، ގިނަ ރައްޔިތުންތަކެއް އެގޮތުގައި ހިފެހެއްޓިފައި ތިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ހީނަރުކަން ކުރިމަތިވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާޢަތްވެސް ހިމެނޭހެން، ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާނެކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން މިކަންކަން ހައްލުކުރެއްވުމަށް ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ޖުމުލަ ގޮތެއްގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާ، މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ ގިނަ ބަޔަކު ހަރަކާތްތެރިވާ މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްޤީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
