ޤާނޫނަށް އަހުލުވެރި، ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި، ބަންޑާރަނައިބުގެ އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ކެމްޕޭން "އެނގުމަކީ ބާރެއް" މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ކެމްޕޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގާ "އެއިމް (AIM) ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ޤާނޫނީ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދީ، ޤާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމެވެ.

"އެނގުމަކީ ބާރެއް" ކެމްޕޭނުގެ ޒަރީޢާއިން ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހޯދައިދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މިގޮތުން، އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ޤާނޫނީ މަޢުލޫމާތުތައް، ރައްޔިތުންނަށް ފަސޭހައިން އޮޅުންފިލާނެ ފަދަ ގޮތްތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެ ެ.

މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި، އާންމުންނާ ސީދާ ބައްދަލުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު އިވެންޓްތައް ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ނިންމާފައެވެ.

ބަންޑާރަނައިބުގެ އޮފީހުން ހާމަކުރި ގޮތުގައި، ޤާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށާއި، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ އެ އޮފީހުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުން ބާރުވެރިކުރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އޮފީހުން ފާހަގަކުރެއެވެ.