ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ސަރަޙައްދުގެ ކަރަންޓު ނެޓްވޯކާ ރަސްމީކޮށް ޙަވާލުވުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޢަލީ އަޒުވަަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ (ރިޓަޔަރޑް) ޢަލީ ޒުހައިރެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިޖާބަދިނުމަށްޓަކައި، ސްޓެލްކޯގެ "އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް" ޤާއިމްކުރުމަށް ބޭނުންވާ ބިންވެސް ވަނީ އެޗްޑީސީގެ ފަރާތުން ސްޓެލްކޯއާ ޙަވާލުކޮށްފައެވެ. މި ސެންޓަރުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން، ހުޅުމާލޭގެ މަގުތައް އަލިކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ސްޓެލްކޯގެ ފަރާތުން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއްވެސް ހަދިޔާކޮށްފައެވެ.
މި މަޝްރޫޢުތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެ ސަރަޙައްދުގެ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތްތަކެކެވެ.
