ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގާ 'ޙަލާލް ޓޫރިޒަމް' ތަޢާރަފްކުރުމަށް ސަރުކާރުން ބިޔަ މަޝްރޫޢެއް އިޢުލާނުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މުޅިއަކު 15 ރަށަކާއި ފަޅެއްގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުންނަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ.
ފަހުގެ ތާރީޚެއްގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ނިންމި މި އިޢުލާނުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ޙަލާލް ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ތިން ސަރަހައްދަށެވެ. އެގޮތުން ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫއިން 8.18 ހެކްޓަރު އަދި ސ. ދޮންހެރައިން 10.23 ހެކްޓަރުގެ ބިން ވަނީ މިކަމަށް ޚާއްސަކޮށްފައެވެ. މި ތަންތަނުގައި މަދުވެގެން 100 އާއި 150 އާ ދެމެދުގެ އެނދު ތަރައްޤީކުރަން ޖެހޭއިރު، މިއީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޚިދުމަތް ދިނުމަށް ޝަރުތުކޮށް 50 އަހަރަށް ދޫކުރާ ތަންތަނެވެ.
ޙަލާލް ރިސޯޓުތަކުގެ ގޮތުގައި ތަރައްޤީކުރާ މި ސަރަހައްދުތަކުގައި ބަނގުރަލާއި އޫރުމަސް އެތެރެކުރުމާއި ވިއްކުން މަނާވާނެއެވެ. އަދި ފޯރުކޮށްދޭން ޖެހޭނީ ޙަލާލް ސެޓްފިކެޓް އޮންނަ ކާބޯތަކެއްޗެވެ. މީގެ އިތުރުން ދެޖިންސަށް ވަކިން ވެލްނެސް ސެންޓަރުތައް ހިންގުމާއި، ފަތުރުވެރިންނާއި މުވައްޒަފުންނަށް ވަކިން ދެ މިސްކިތް ބިނާކުރުން ވަނީ ލާޒިމުކޮށްފައެވެ. މިފަދަ މަޝްރޫޢުތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އާންމު ރިސޯޓުތަކަށް ލިބޭ 15 އިންސައްތައިގެ އިމްޕޯޓް ޑިއުޓީ ލުޔަށް ވުރެ އިތުރަށް، ޙަލާލް ޓޫރިޒަމް މަޝްރޫޢުތަކަށް 20 އިންސައްތައިގެ އިނާޔަތެއް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ.
އާންމު ފަތުރުވެރިކަމަށް ހުޅުވާލާފައިވަނީ އުތުރުގެ އަތޮޅުތަކުން 10 ފަޅެކެވެ. އޭގެ ތެރޭގައި ހއ. މާދުނި ފަރުން 3 ފަޅު، ހދ. މަކުނުދޫ ފަރާއި މާފަރުން 4 ފަޅު އަދި ށ. ގޮނާ ފަރުން 3 ފަޅު ހިމެނެއެވެ. 200 ހެކްޓަރުގެ މި ކޮންމެ ފަޅެއްގެ ލީސް އެކުއިޒިޝަން ކޮސްޓް އުޅެނީ 1.5 މިލިއަނާއި 2.1 މިލިއަން ޑޮލަރާ ދެމެދުގައެވެ.
ވަކި ރަށްތަކެއްގެ ގޮތުގައި ބީލަމަށް ލާފައިވަނީ ށ. ނަލަންދޫއާއި ނ. ފަރުމުއްޔެވެ. 200 އެނދުގެ ރިސޯޓެއް ހަދަން ނަލަންދޫއަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ ގާބިލުކަމުގައި 10 މިލިއަން ޑޮލަރު ހުންނަންޖެހޭއިރު، ފަރުމުއްޔަކީ 2.25 މިލިއަން ޑޮލަރުގެ އެކުއިޒިޝަން ކޮސްޓަކާއެކު މި ފަހަރުގެ އެންމެ އަގުބޮޑު ސަރަހައްދެވެ.
ބިން ހިއްކައިގެން ރިސޯޓު ހެދުމުގެ ހުއްދަ ލިބޭ މި މަޝްރޫޢުތައް ނިންމަން 36 މަސްދުވަސް ދޭނެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޕްރީ-ބިޑް ބައްދަލުވުންތައް ސެޕްޓެމްބަރާއި އޮކްޓޯބަރު މަހު އޮންލައިންކޮށް ބޭއްވުމަށްފަހު، ރަސްމީކޮށް ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 އިން 23 ގެ ނިޔަލަށެވެ.
