ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6،328 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ޤާނޫނާއި ޤަވާއިދާ ޚިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެކެވެ. އެ ޝިޕްމަންޓް ފާސްކުރުމުގެ ތެރޭގައި، އޭގެ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 6،328 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދިވެހިރާއްޖޭގައި ވޭޕް މަނާކުރިފަހުން ސިއްރުން ވޭޕް އެތެރެކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިގޮތުން މި މަހުގެ 18 ވަނަ ދުވަހުވެސް ކަސްޓަމްސްއިން ވަނީ ރާއްޖެއަށް އެތެރެކުރަން އުޅުނު އެންމެ ބޮޑު ވޭޕް ޝިޕްމަންޓް އަތުލައިގަނެފައެވެ. އެ ޝިޕްމަންޓުގައި 15،601 ވޭޕް ކާޓްރިޖް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެންމެ ފަހުން ހިންގި ތިން އޮޕަރޭޝަނަށް ބަލާއިރު، ކަސްޓަމްސްއިން ވަނީ ޖުމްލަ 22,309 ވޭޕް ކާޓްރިޖް އަތުލައިގެންފައެވެ.
ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި ވިއްކުން އަދި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މި ގާނޫނުގެ ދަށުން ވޭޕްގެ ބާވަތްތަކާއި އެ ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އާލާތްތައް ރާއްޖެއަށް އެތެރެކޮށްފި ނަމަ، އެތެރެކުރި ފަރާތް 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށްވެސް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
