މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައިފިއެވެ.
ޒަކާތު ހައުސް އިން ބުނީ 1447 ވަނަ އަހަރުގެ ހައްޖުމަހުގެ އެއްވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ. އެއީ ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.
ޒަކާތު ހައުސް އިން ބުނީ މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދުކަން ވެސް ޒަކާތު ހައުސް އިން ފާހަގަކުރިއެވެ.
ޒަކާތުގެ ދެ ވައްތަރެއްވެއެވެ. އެއީ ރޯދަ މަހުގެ ރޯދާއާއި ގުޅިފައިވާ ފިޠުރު ޒަކާތާއި އަދި މުދަލުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ މުދަލު ޒަކާތެވެ.
