ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ފުލުހުން ގުޅިގެން ހުއްޓުމެއްނެތި ކުރިއަށް އެބަގެންދެއެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 5 މީހަކު ސަލާމަތްކޮށްފައި ވާއިރު، ތިން މީހަކު ވަނީ ގެއްލިފައެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރައްވާ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ.
ގެއްލުނު މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، އޮގަސްޓް 6 ވަނަ ދުވަހު މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
މީގެ އިތުރުން، ކަނޑުމަގުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިޔު މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސް “SA038, SA037” ގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ގެއްލިފައިވާ ތިން މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ތިން މީހުން ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
