ދިވެހިރާއްޖޭގައި ވޭޕް މަނާކުރި ފަހުން، ސިއްރުން އެތެރެކުރަން އުޅުނު އެންމެ ބޮޑު ވޭޕް ޝިޕްމަންޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއްޔެ އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި އާންމު މުދަލުގެ ތެރޭގައި ފޮރުވައިގެން ގެނައި މި ޝިޕްމަންޓް އަތުލައިގަތީ، އެ ތަކެއްޗަށް ޝައްކު ކުރެވިގެން އިއްޔެ ހިންގި ޚާއްސަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވޭޕް އެތެރެކުރުން މަނާކުރި ފަހުން ކަސްޓަމްސްއިން ހިފެހެއްޓި އެންމެ ބޮޑު ޝިޕްމަންޓެވެ.
މި ފަހަކަށް އައިސް ވޭޕް އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި މިދިޔަ ބުދަ ދުވަހު އަތުލައިގަތް 5,600 ވޭޕް ކާޓްރިޖާއި، މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެތި ހިމެނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އާދިއްތަ އަދި ހޯމަ ދުވަހުގެ އޮޕަރޭޝަނުގައި ވޭޕްތައް ފޮރުވާފައި ހުރީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކެއްގެ ތެރޭގައެވެ. އެ ފަހަރު 1,108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް އަތުލައިގަތެވެ.
ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި ވިއްކުން އަދި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މި ގާނޫނުގެ ދަށުން ވޭޕްގެ ބާވަތްތަކާއި އެ ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އާލާތްތައް ރާއްޖެއަށް އެތެރެކޮށްފި ނަމަ، އެތެރެކުރި ފަރާތް 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. މީގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށްވެސް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
