މޯލްޑިވް ގޭހުން ވިޔަފާރިތަކަށާއި ރިސޯޓުތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފިއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހުން ބުނީ، މި ބަދަލު ގެންނަން މަޖުބޫރުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭސް ގަތުމަށް ކުރަންޖެހޭ ހަރަދު ބޮޑުވަމުންދާތީ ކަމަށެވެ. މި ބަދަލާއެކު އެ ކުންފުނިން ވަނީ 45 ކިލޯ އަދި 22 ކިލޯގެ ގޭސް ފުޅި ރިފިލްކޮށްދޭ އަގުތައް މަތިކޮށްފައެވެ.
މިގޮތުން ގެނައި ބަދަލުތަކަށް ބަލާއިރު، 45 ކިލޯގެ ގޭސްފުޅި ރިފިލްކޮށްދޭ އަގު ރިސޯޓުތަކަށް ވަނީ ކުރީގެ އަގަށްވުރެ 25 އިންސައްތަ ބޮޑުކޮށްފައެވެ. އަދި ރިސޯޓު ނޫން އެހެން ވިޔަފާރި ކަސްޓަމަރުންނަށް އެ ބާވަތުގެ ފުޅިން 15 އިންސައްތަ ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން 22 ކިލޯގެ ފުޅިއަށް ގޭސް އަޅައިދޭ އަގުވެސް މިހާރު ވަނީ 14 އިންސައްތަ ބޮޑުކޮށްފައެވެ.
މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި، ރިސޯޓު، ކެފޭ، ހޮޓަލް އަދި ކޮމާޝަލް ކަސްޓަމަރުންނަށް ގޭސް ވިއްކާ އަގު ބޮޑުކުރި ނަމަވެސް، އާންމު ގޭބީސީތަކުގައި ބޭނުންކުރާ ގޭސްފުޅީގެ އަގަށް އެއްވެސް ބަދަލެއް ނުގެނެއެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ކުރީގެ އަގުގައި ގޭސް ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
