ވ. އަތޮޅުގައި ކުރިއަށްގެންދިޔަ ހާއްސަ ޑައިވިން އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ.
މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދެވެ.
ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކުރައްވާފައެވެ.
މިދިޔަ މެއި މަހު ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ފަތުރުވެރިން ފެނުނީ މޫދު އަޑީ ހޮހަޅައެއްގެ ތެރޭގައި މަރުވެފައި އޮއްވައެވެ. މި ހާދިސާގައި މަރުވެފައިވަނީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިންނެވެ. އެ ފަސް ފަތުރުވެރިންގެ ހަށިގަނޑު މޫދު އަޑިން ނަގާފައިވަނީ ފިންލޭންޑޫގެ ތަޖުރިބާކާރު ތިން ޑައިވަރުންނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ދިވެހި ފުލުހުންނާއި އެމްއެންޑީއެފްގެ އެހީތެރިކަމާވެސް އެކުއެވެ.
