ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފިއެވެ.

ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ޚިދުމަތް ގާއިމްކުރުމާއެކު ވުޒާރާގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ. މިގޮތުން އެފަރާތެއް ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިނަންބަރަށް ގުޅާ ޚިދުމަތް ހޯދޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި އޭގެ އިތުރުން ބަންދުގަޑިތަކުގައިވެސް ޚިދުމަތް ހޯދުމަށް މި ނަމްބަރު ބޭނުން ކުރެވޭނެ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.

ވުޒާރާއިން ބުނީ މި ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާއިރު އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނެ ކަމަށެވެ.