ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެޝިން ބޭނުންކުރާ ވިޔަފާރިތަކަށް ދޫކުރާ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ފައިނޭންސިން ފަސް ދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މި ހިދުމަތަށް ގެނައި ހެޔޮ ބަދަލުތައް ތައާރަފްކުރުމަށް ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ ހިދުމަތްތައް ފުޅާކޮށް، އިތުރަށް ވަރުގަދަކުރުމަށް އެ ބޭންކުން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ.

"ފައިނޭންސިންއަށް އެދި ހުށަހަޅާ ޕްރޮސެސް ފަސޭހަކޮށްދީ، ފައިނޭންސިންގެ ސްކޯޕް އިތުރަށް ފުޅާކޮށް، އަޅުގަނޑުމެންގެ މަގުސަދަކީ އަޅުގަނޑުމެންގެ މާޗަންޓުންގެ ވިޔަފާރިއަށް ބޭނުންވާ މާލީ އެހީތައް ފަސޭހަކަމާ އެކު ހަމަޖައްސައިދީ، ވިޔަފާރިތައް އިތުރަށް ކުރިއެރުވުން،" ޝަރީފް ވިދާޅުވިއެވެ.

ބޭންކުން ހާމަކުރި ގޮތުގައި، ވިޔަފާރިތަކުން ކާޑު މެޝިނުގައި ހިންގާފައިވާ މުއާމަލާތްތަކަށް ބަލައި ދެ މިލިއަން ރުފިޔާއާ ހަމައަށް މިހާރު ފައިނޭންސިން ލިބޭނެއެވެ. މި ފައިނޭންސިންއަށް އެދި ހުށަހެޅޭނީ ބީއެމްއެލް މާޗަންޓް ހިދުމަތް މެދުވެރިކޮށް މަދުވެގެން ހަ މަސްދުވަހު ކާޑުގެ މުއާމަލާތްތައް ހިންގާފައިވާ ފަރާތްތަކަށެވެ.

މި ހިދުމަތަށް އެދޭ ވިޔަފާރިތަކުގެ ޝަރުތުތަކުގެ ތެރޭގައި މަހަކު އެވްރެޖްކޮށް ބީއެމްއެލް ކާޑުން 20,000 ރުފިޔާގެ ވިޔަފާރިކޮށްފައިވުމާއި، އެއްވެސް މާލީ އިދާރާއަކަށް ފައިސާ ދައްކަންޖެހި ނުދައްކައި އޮވެގެން ނުވާނެއެވެ.

މި ފައިނޭންސިން އަނބުރާ ދެއްކުމުގައި ވެސް ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ލިބޭ ކާޑު ސޭލްސްގެ ތެރެއިން ފައިނޭންސިންއަށް އަނބުރާ ދައްކަންޖެހޭ އަދަދު އޮޓޮމެޓިކުން ކެނޑޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.

މި ހިދުމަތަށް އެދި ހުށަހެޅުމުގެ މަރުހަލާ މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ފަސޭހަކޮށްފައެވެ. ވިޔަފާރިވެރިންނަށް ބީއެމްއެލް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް މި ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށް ބޭންކުން ބުނެއެވެ.