ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ނާޒުކު ދަނޑިވަޅުގައި، އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް، ދައުލަތްތަކުގެ ހިންގުމުގެ ނިޒާމުގެ ހުރިހާ ފެންވަރެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިފަދައިން ގޮވާލެއްވީ "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގައި ބޭއްވި ހައި-ލެވެލް ޕެނަލްގައި "ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި ޙައްޤުތައް ހިމާޔަތްކުރުން" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ޤާބިލިއްޔަތާއި، ޘަޤާފަތާއި އަމިއްލަ ޝަޚުޞިއްޔަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޤައުމީ ދުރުރާސްތާގެ އިސްކަންދޭ ކަންކަން ކަނޑައަޅައި، ބިނާރާއި ތަރައްޤީގެ މަޝްރޫޢުތައް ރާވަން ޖެހިފައިވަނީވެސް މި ބަދަލުތަކަށް ރިއާޔަތްކޮށްގެންކަމަށް ވިދާޅުވިއެވެ.

ޤައުމީ ސިޔާދަތާއި އިސްތިޤުލާލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ތަރައްޤީވަމުން އަންނަ އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. ބައިނަލްއަޤުވާމީ ޤާނޫނުތައް ބިނާވެފައިވަނީ ހަމަޖެހުމާއި، ޢަދާލަތާއި، ދައުލަތްތަކުގެ މެދުގައިވާ ހަމަހަމަކަމުގެ މަތީގައިކަން ފާހަގަކުރައްވައި، އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ހިމެނޭހެން ދިވެހި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރެވެން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެ އިސް އަހުމިއްޔަތަކަށް ވާންވާނީ، މުޖުތަމަޢުތައް ރައްކާތެރިކޮށް، އެ ބަޔަކު އުޅެން އިޚުތިޔާރުކުރާ ތަނެއްގައި ކަރާމާތްތެރިކަމާއެކު ދެމިތިބުމުގެ ޙައްޤު ކަށަވަރުކޮށްދިނުން،" ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ޘަޤާފަތާއި، އާމްދަނީ ލިބޭނެ ގޮތްތައް ހިމާޔަތްކުރުމާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މިގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ހުޅުމާލެ އަދި ރަސްމާލެ މަޝްރޫޢަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގެ ނަމޫނާ މަސައްކަތްތަކެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މޫސުމީ ބަދަލުތަކުގެ އަސަރު ކުރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ޤާނޫނީ ޔަޤީންކަން ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.